ލީޑްސް ބަލިކޮށް ޗެލްސީން އެފްއޭ ކަޕް ފައިނަލުގެ ފަހު ޖާގަހޯދައިފި

ލަންޑަން (އޭޕްރީލް 26) – ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ފަައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ. 

ޗެލްސީން އަންނަ މަހުގެ 16 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޖެހިޖެހިގެން ހަތަރު ވަނަ ފައިނަލުގައި ކުޅޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ޗެލްސީ އަކީ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށް ފަހު، އެންމެ ގިނަ ފަހަރު އެފްއޭ ކަޕް ފައިނަލުގައި ކުޅޭނެ ޓީމެވެ. ޔުނައިޓެޑުން 22 ފައިނަލުގައި ކުޅެފައިވާއިރު، އާސެނަލުން ވަނީ 21 ފަހަރު އެފްއޭ ކަޕް ފައިނަލުގައި ކުޅެފަ އެވެ. މިއީ، ޗެލްސީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ 17 ވަނަ ފަހަރެވެ. 

ލިއަމް ރޮސެނިއާ، ޗެލްސީގެ ކޯޗުކަމުން ވަކިކޮށް، ކަލުމް މެކްފާލޭން ހަވާލުވި ފަހުން، ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ޖުމްލަކޮށް ބަލާއިރު ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަނެއްކޮޅުން، މިއީ ވަގުތީ ގޮތުން ޗެލްސީއާ މި ސީޒަނުގެ ތެެެރެއިން މެކްފާލޭން، ޗެލްސީ އަށް ކޯޗުކޮށްދޭ ދެ ވަަނަ ފަހަރެވެ. މީގެ ކުރިން، އެންޒޯ މަރެސްކާ، ވަކިކޮށް، ރޮސެނިއާއާ ޓީމު ހަވާލުކުރުމުގެ ކުރިން ޗެލްސީގެ ދެ މެޗެއްގައި މެކްފާލޭން ވަނީ ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް މެޗަކީ، ސިޓީ ދަނޑުގައި އެ ޓީމާ އެއްވަރުކުރި މެޗެެވެ. 

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. މެޗުގެ 23 ވަނަ މިނިޓްގައި، ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކަށް އަރައި، އެންޒޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

މެޗުގައި ލީޑްސް އަށް ލަނޑު ޖަހައިދޭން ޑޮމިނިކް ކަލްވެޓް-ލެވިން އާއި ބްރެންޑަން އާރޮންސަން އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުންހިފޭ ގޮތެއްނުވި އެވެ. މި މެޗުގައި ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ ލީޑްސްގެ އެޓޭކްތައް ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަަ އެވެ.